Al-Fil— The Elephant
(1) (އޭމަތްވެގެންވާ ރަސޫލާއެވެ!) އެތުގެ އެކުވެރިންނާއިމެދު ކަލޭގެފަނުންގެ رَبُّ ކަންތައްކުރެއްވީ ކޮންފަދައަކުންކަން، ނުވަތަ ކަންތައްކުރެއްވި ގޮތާއިމެދު - ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ ނުވިސްނަވަމުތޯއެވެ؟
(2) އެބައިމީހުންގެ ރޭވުމާއި ތަދުބީރު ގެއްލުމާއި ހަލާކު ކަމުގައި އެކަލާނގެ ނުލައްވައިތޯއެވެ؟ އެބަހީ އެމީހުންގެ ރޭވުމާއި ތަދުބީރު ގެއްލުމާއި ހަލާކު ކަމުގައި އެކަލާނގެ އެމީހުންގެމައްޗަށް ލެއްވިއެވެ.
(3) އެކަލާނގެ އެބައިމީހުން ހަލާކު ކުރެއްވުމަށް އެމީހުންގެމައްޗަށް ފޮނުއްވީ އަބާބީލު އެވެކިޔާ ކުދިކުދި ދޫނިތަކެކެވެ.
(4) އެދޫނިތައް ނަރަކައިން ހޫނުކުރެވިފައިވާ ހިލަތަކަކުން އެމީހުން ހަލާކު ކުރެއްވީއެވެ. އެއިން ކޮންމެދޫންޏެއް ގެންނަނީ ގޮދަންފުކެއްވަރުގެ ނުވަތަ ފަޅިމުގުފުކެއްވަރުގެ ތިން ހިލައެވެ. އެއީ އެސޮރުގެ ތުބުގައި ހިލަޔަކާއި ދެފައިގާ ދެހިލައެވެ. ކޮންމެ ހިލައެއްގައި އެހިއަކުން ޖެހެންވީމީހާގެ ނަންލިލެވިގެންވެއެވެ. އެއިން ހިލަޔަކުން މީހަކު ގައިގާ ޖެހުނީމާ އެމީހާގެ ގޮހޮރު ނުކުމެ ގުނަވަންތައްވެރި ދެން އެންމެފަހުން މަރުވެގެންދަނީއެވެ.
(5) އެމީހުން މަރުވެގެން ބިމަށް ވެރިފައިތިބިއިރު ހީވަނީ ގެރިބަކަރި ކައިވަރާފައިވާ ފަތްތަކެއްހެންނެވެ. ނުވަތަ ހިކި ހުއިތަކެއްހެންނެވެ. ދަންނައެވެ. މިސޫރަތުގައި ބަޔާންވެގެން މިދަނީ މައްކާގެ ގެފުޅު ހަލާކު ކުރުމުގެ ނިޔަތުގައި ޔަމަނުކަރައިގެ އޭރު ހުރި ރަސްގެފާނު أَبْرَهَة އާއި އޭނާޔާއިއެކުއައި ލަޝްކަރު الله ހަލާކު ކުރެއްވިގޮތުގެ ކުރު خُلآصَة އެކެވެ. އެމީހުން އަރައިގެން އައި ނީލަގެރި އެތްތަކަކަށްވާތީ އެމީހުންނަށް އެތުގެ އެކުވެރިންގެ ނަމުން މަޝްހޫރު ވެގެންވަނީއެވެ. މިބައިމީހުން މައްކާއަށް އަރަން ގަސްދުކޮށްގެން ދަނިކޮށް وَادِيْ مُحَسَّر ކިޔާހިސާބަށް އައުމުން الله އެމީހުންގެމައްޗަށް އެދޫނިތައް ފޮނުއްވައި އެމީހުން ހަލާކު ކުރެއްވީއެވެ. މިވާހަކަ تَفْصِيْلُ ކޮށް تَفْسِيْر ފޮތްތަކުގައި ލިޔެވިގެން ވެއެވެ. މި ޙާދިޘާ ހިނގާދިޔައީ رسول الله ﷺ ރައްކައުވުމުގެ ކުޑަތަންކޮޅެއްކުރިން ކަމުގައި އެކަމަކު ދާދި ގާތުގައި ކަމުގައި ތާރީޚްގައި ބަޔާންވެގެންވެއެވެ. والله أعلم.