Quraish— Quraysh
(1) قريش ންނާއި މެދު ﷲ ބެހެއްޓެވި އޯގާވަންތަވެރިކަމުގެ ސަބަބުން އެބަހީ އެ ބޮޑު ނިޢްމަތުގެ ސަބަބުން އެކަމުގެ ޝުކުރެއްގެ ގޮތުން އެމީހުން ﷲ އަށް އަޅުކަން ކުރާ ހުށިކަމެވެ. މިއާޔަތްމިވަނީ ތިންވަނަ އާޔަތާއި ގުޅިފައެވެ. ދެވަނަ އާޔަތުގައި އެވަނީ އެމީހުންނަށް ބެހެއްޓެވި އޯގާވަންތަކަމަށް އިޝާރާތް ކުރަށްވާފައެވެ. އެއީ
(2) އެމީހުން ކުރާ ފިނި މޫސުމުގެ ވިޔަފާރި ދަތުރާއި ހޫނު މޫސުމުގެ ވިޔަފާރި ދަތުރެވެ. ފިނި މޫސުމުގައި ޔަމަނު ކަރައަށެވެ. ހޫނު މޫސުމުގައި ޝާމު ކަރައަށެވެ. މި ދެ ދަތުރުގައިވެސް އަމާންކަމާއެކު ދަތުރު ކުރެވޭނެ ގޮތް ލެއްވެވިއެވެ. ދަތުރު ކޮށްފައި އަންނައިރުވެސް އެމީހުންނަށް އެއްވެސް ބަޔަކު ގޯނާ ނުކުރެއެވެ. އެއީ މައްކާގައިވާ ﷲ ގެ ޙަރަމްގެ އަހްލުވެރިން ކަމުގައިވާތީއެވެ. އެންމެން އެމީހުންނަށް އިޙްތިރާމް ކުރެއެވެ.
(3) ފަހެ (މިބޮޑު ނިޢްމަތައްޓަކައި ވެސް) އެމީހުން މި ގެފުޅުގެ ވެރި رب އަށް އަޅުކަން ކުރާ ހުށިކަމެވެ.
(4) އެކަލާނގެއީ ބަނޑުހައި ހޫނުކަމުން އެމީހުން ދުރު ކުރަށްވައި ކާންދެއްވި ކަލާނގެއެވެ. އަދި ބިރުވެރި ކަމުން އެމީހުންނަށް އަމާންކަން ދެއްވި ކަލާނގެއެވެ. ދަންނައެވެ. قريش ންނަށް ދެމޫސުމުގައި ދަތުރު ކުރެވޭ ގޮތް ހަމަޖެހިފައި އޮތުމުގެ ސަބަބުން ބަނޑުހައި ހޫނުކަމުން އެމީހުން ސަލާމަތް ވިއެވެ. އަދި ﷲގެ ޙަރަމްފުޅު ހުރުމުގެ ސަބަބުން އެމީހުންނަށް އަމާންކަން ލިބިގެން ދިޔައެވެ. މިއީ އެއްވެސް އެހެން ބަޔަކަށް ލިބިފައިވާ ނިޢްމަތެއް ނޫނެވެ. އަދި މިނޫންވެސް އެހެން އެތައް ނިޢްމަތެއްގެ ސަބަބުން އެމީހުން ޚާއްޞަ ވެއެވެ. والله أعلم.