Hud— Hud
(1) الر މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ تعالى އެވެ. މިފޮތަކީ މިއީ (އެބަހީ: މި ކީރިތި قرآن މިއީ) މިފޮތުގެ حكم ތައް أمر އާއި نهى ގެގޮތުން ކަނޑައެޅިގެންވާ ފޮތެކެވެ. ދެން ثواب އާއި عذاب ދެއްވުމުގެގޮތުން تفصيل ކުރެވިގެންވެއެވެ. މިފޮތް ބާވައިލެއްވިގެންވަނީ حكمة ވަންތަ އަދި خبر ތައް ދެނެވޮޑިގެންވާ ކަލާނގެ حضرة ންނެވެ.
(2) (އަދި رسول ﷲ ﷺ حديث ކުރެއްވިއެވެ.) (އެފޮތުގެ حكم ތައް تفصيل ވެގެންވަނީ) ކަލޭމެން ﷲ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށް އެންގެވުމަށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ އެކަލާނގެ حضرة ން ކަލޭމެންގެ ގާތަށް ފޮނުއްވިގެންވާ نَذِيْر އެއްކަމާއި އަދި بَشِيْر އެއްކަންވެސް އެންގެވުމަށެވެ. (އެބަހީ: ނުކިޔަމަންތެރިންނަށް عذاب ހުރިކަމުގެ ބިރުވެރި خبر ދެއްވާ އަދި ކިޔަމަންތެރިންނަށް ދަރުމަޔާއި ثواب ހުރިކަމުގެ އުފާވެރި خبر ދެއްވާ ބޭކަލަކުކަންވެސް އެންގެވުމަށާއިވެސް އެކުގައެވެ.)
(3) އަދި ކަލޭމެން ކަލޭމެންގެ رَبّ ގެ حضرة ގައި ފާފަފުއްސެވުމަށް އެދި دعاء ކުރުމަށް އެންގެވުށާއި ދެން އެކަލާނގެ حضرة އަށް رجوع ވެ توبة ވުމަށްވެސް އެންގެވުމަށެވެ. އޭރުން އެކަލާނގެ ކަލޭމެނަށް ކަނޑައެޅިގެންވާ مدّت އަކަށް ކަލޭމެންނަށް އަރާމުކޮޅެއް ދެއްވާނެއެވެ. (އެއީ މަރުވަންދެން ދުނިޔޭގެ ތަކެތީގައި ބޭނުންކޮށް އުޅުމުގެ فرصة ދެއްވުމެވެ.) އަދި ކޮންމެ ހެޔޮކަމެއްގެ ވެރިއަކަށް އޭނާ އެކުރި ހެޔޮކަމަށް އެކަލާނގެ ދަރުމަޔާއި ثواب ދެއްވާނެތެވެ. (އެއީ قيامة ދުވަހުންނެވެ.) އަދި އެމީހުން ކިޔަމަންނުވެ ފުރަގަސްދީފިއްޔާ ކަލޭގެފާނު ވިދާޅުވާށެވެ. (އޭ މީސްތަކުންނޭވެ!) ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަލޭމެންގެ މައްޗަށް އަތުވެދާނޭ ކަމަށް ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަމެވެ.
(4) ކަލޭމެން އެނބުރިދިއުން، އަދި އެނބުރި ދާތަންވަނީ ހަމަ ﷲ ގެ حضرة ގައެވެ. އަދި ކޮންމެކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
(5) ދަންނާށެވެ! ހަމަކަށަވަރުން އެމީހުން (يعني: مُنافق ންކުރެ ބައެއްމީހުން) އެކަލާނގެއަށް ނިވައިވާންވެގެން، ވަންހަނާވާންވެގެން އެމީހުންގެ މެއިތައް ގުދުކުރެއެވެ. (އެބަހީ: رسول ﷲ ﷺ އެމީހުން ކައިރިން ވަޑައިގަންނަވަންޏާ އެމީހުން މޫނު ނިވައިކޮށް ގުދުވެ ބޮނދައިގެން ތިބެއެވެ. އެމީހުން އެހެން އެހަދަނީ އެކަލޭގެފާނަށް ނުވަތަ ﷲ އަށް ނިވައިވާންކަމަށެވެ.) ދަންނާށެވެ! އެމީހުން އެމީހުންގެ ފޭރާމުން ނިވައިކުރަމުންދާއިރު އެމީހުން ސިއްރުކުރާކަންތަކާއި އަދި އެމީހުން ފައުޅުކުރާކަންތައްވެސް ﷲ ދެނެވޮޑިގެންވެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކުގައިވާހާ ތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. (މިހެންވީއިރު ދެން އެކަލާނގެއަށް ނުފެންނާން ބޮނދައި އަދި ފިލަންވީ ކީއްވެހެއްޔެވެ؟)