Ar-Ra'd— The Thunder
(1) الٓمٓر: މިބާވަތުގެ އެންމެހައި رَمْزُ ގެ މާނައެއް އަދި އޭގެ މުރާދެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ تعالى އެވެ. މިއިން އެންމެބޮޑަށްވެސް آدم ގެދަރިންނަށް ބުނެވެންއޮތީ އެއީ إعجاز القرآن ގެތެރެއިންވާ އަކުރުތަކެއްކަމެވެ. އެޔާއެކުވެސް ބައެއްބޭކަލުންގެ رَأى ވެއެވެ. تفسير الطّبرى ގައި إبن عبّاس رضى ﷲ عنهما ގެ ރިވާޔަތެއް މިސޫރަތުގެ މިއަކުރުތަކާމެދު ގެންނަވާފައިވެއެވެ. އޭގައިވަނީ "أنَا ﷲُ أَرَى" މިހެންނެވެ. މީގެ މާނައެއްކަމުގައި ބުނެވޭނީ ތިމަންރަސްކަލާނގެއީ ﷲ އެވެ. ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަމެވެ. މިއެވެ... ދެން އެއަންގަވަނީ މިސޫރަތުގެ އާޔަތްތަކަކީ ފޮތުގެ އާޔަތްތަކެވެ. މިފޮތޭ އޮތްބަސްފުޅާއި މެދު ކުޑަ إختلاف އެއްވެއެވެ. طبري ގެ تفسير ގައިވަނީ އެއީ توراة އާއި إنجيل ކަމުގައެވެ. إبن كثير ގެ ترجمة ގައިވަނީ އެއީ ކީރިތި قرآن ކަމަށެވެ. އަދި ފަހުގެ تَحْقِيْقُ ތަކުންވެސް އެގޮތަށް ފެނެއެވެ. ދެން އަދި މިއީ ކޮންމެފޮތެއްގެ އާޔަތްތަކެއްނަމަވެސް ﷲ ބާވައިލެއްވި ފޮތެއްކަމުގައިވަންޏާ مؤمن ންނަށް މައްސަލައެއް ނުއޮންނާނެއެވެ. ދެން އަދި އެއަންގަވަނީ ކަލޭގެފާނަށް ކަލޭގެފާނުންގެ ربّ ގެ حضرة ން ބާވައިލައްވާ ތަކެއްޗާއި މިހުރިހާ ތަކެއްޗަކީ ހަމަ حقّ ތެދުކަމުގައެވެ. އަދި އެހެންނަމަވެސް މީސްތަކުންކުރެ ގިނަމީހުން ތެދުނުކުރާ ކަމުގައެވެ. އެއަށް އީމާންނުވާކަމުގައެވެ.
(2) އޭ މީސްތަކުންނޭވެ! ކަލޭމެން ދެކޭނޭ އެއްވެސް ތަނބަކާ ނުލައި އުޑުތައް އުފުއްލެވީ ހަމަ ﷲ އެވެ. ދެން އެކަލާނގެ عَرْشِ އަށް إِسْتِوَاى ވެވޮޑިގެންނެވިއެވެ. އަދި އެކަލާނގެ އިރާއި ހަނދު ކިޔަމަންކުރެއްވިއެވެ. އެއިން ކޮންމެ އެއްޗެއްވެސް ކަނޑައެޅި عَيَّن ވެގެންވާ ވަކިމުއްދަތަކަށް ދަތުރުކުރެއެވެ. ދައުރުކުރެއެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން އެކަލާނގެ ކަންތައްތައް تَدْبِيْرُ ކުރައްވާ ހިންގަވައެވެ. މިހުރިހާކަމެއްވެސް މިވަނީ ކަލޭމެން ހެއްދެވި ربّ އާއި ކަލޭމެން ބައްދަލުވާނެކަން ތެދުކޮށް يقين ކުރޭތޯއެވެ. قيامة ދުވަހާއި محشر ކުރެއްވުމާއި جزاء ދެއްވުން يقين ކުރޭތޯއެވެ.
(3) އަދި ބިންގަނޑު ފަތުރުއްވާ ދެންމެވީވެސް ހަމައެކަލާނގެއެވެ. އަދި އެކަލާނގެ އެބިމުގައި ފަރުބަދަތަކާއި ކޯރުތައް ލެއްވިއެވެ. އަދި އެކަލާނގެ ގަސްގަހާގެހީގެ މަތިވަރު ނެރުއްވައި އަދި އެއިން ކޮންމެ ވައްތަރެއްގައި ޖޯޑުހަމަކޮށް ފިރިހެން އަންހެން ލެއްވިއެވެ. (މިކަމަކީ، މިހާރު عَمَلِى تحقيق ގެ ގޮތުންވެސް ސާބިތުވެގެންވާ ކަމެއްކަމުގައިވެއެވެ.) އަދި ރޭގަނޑުން ދުވާލު އަނދިރިވާގޮތްވެސް އެކަލާނގެ ލެއްވިއެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل އާއި ހެކި ވާކަންކަށަވަރެވެ. ނަމަވެސް އެކަން ވިސްނަން އެނގޭނީ އަދި قبول ކުރާނީ ކަންކަމަށް ވިސްނާ ފިކުރުކުރާ ބަޔަކަށެވެ.
(4) އަދި މިބޮޑު ބިންގަނޑުގައި ގާތްގާތްކޮށް އެއްބައި އަނެއްބަޔާ ޖެހިޖެހިގެންވާ ބައިބައިވެއެވެ. (އެއީ އަޅުގަނޑުމެންވެސް މިކިޔާ قَارَّة ތައް އެބަހީ ކޮންޓިނެންޓްތައް ކަމުގައިވެދާނެއެވެ. ނުވަތަ ބިމުގެ ފަށަލަފަށަލަ ކަމުގައިވެދާނެއެވެ. އަދި މިހުރިހާގޮތެއްވެސް އެއިން دليل ކުރެއެވެ.) އަދި އެކަލާނގެ އެބިމުގައި މޭބިސްކަދުރުގެ ބަގީޗާތަކާއި ދަނޑުބިމާއި ދަނޑާއި ލެއްވިއެވެ. އަދި އެއްބުޑުން ދެކުރިގަނޑު ނުވަތަ އެއަށްވުރެގިނަކުރިގަނޑުލީ ކަދުރު ރުކާއި އަދި އެނޫން ކަދުރު ރުއްވެސް އެކަލާނގެ ލެއްވިއެވެ. (އެއީ المدينة المنوّرة ގެ قُبَا އިން އަހުރެންވެސް ދެކެފައިވާ ތަކެއްޗެވެ. އަދި ކަދުރާ މޭބިސްކަދުރު މިއާޔަތުގައި ވަކިން خاصّ ވެފައިވަނީ އެދެއެތީގެ ފައިދާބޮޑުކަމުންކަމުގައި ފެނެއެވެ. والله أعلم). ދެންފަހެ މިހުރިހާ ބާވަތެއްގެ ގަސްގަހާގެއްސަށް ފެންދެވެނީ ހަމަ އެއްފެނަކުންނެވެ. އެއީ ވާރޭފެނެވެ. މަތިން ފައިބާފެނެވެ. އަދި އެހެންނަމަވެސް ކައިބޮއިހެދުމުގެ ގޮތުން އޭގެ އެކަތީގެ މައްޗަށް ތިމަންރަސްކަލާނގެ އަނެކަތި މާތްކުރެއްވީމެވެ. ފޮނިކޮށް، ހުތްކޮށް، ކުޅިކޮށް ހިތިކޮށް... ދެން މިހެންގޮސް ތަފާތު ރަހަތަކުގައި ހެއްދެވީމެވެ. ހަމަކަށަވަރުން މިކަންކަމުގައި ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ މައްޗަށް دليل ކުރާ دليل ތައްވާކަންކަށަވަރެވެ. އެކަމަކު އެއީ ބުއްދީގެ ބޭނުންކޮށް ވިސްނާ އަދި عبرة حاصل ކުރާ ބަޔަކަށެވެ. • ދަންނައެވެ! އިންސާނުންގެވެސްހުރީ ހަމަގަސްގަހާގެހީގެ މިސާލެވެ. އެންމެންވެސް ކައިބޮއިހަދަނީ ހަމަބިމުގެ ތަކެތީންނެވެ. ބޮނީ ހަމަ އެއްފެނެކެވެ. ބައްޕައަކީ ހަމަ آدم عليه السّلام އެވެ. ނަމަވެސް ރަނގަޅު ނުބައިގައި ތަފާތެވެ. ތެދުމަގު ބާވައިލެއްވުމުން އެތެދުމަގު قبول ކުރީ ވަކިބައެކެވެ. އަނެއްބަޔަކު قبول ނުކުރީއެވެ.
(5) އޭ رسول ﷲ އެވެ! އެ مشرك ންގެމީހުން ކަލޭގެފާނު ދޮގުކުރާތީ ކަލޭގެފާނު عجائب ވެވަޑައިގެންނެވިނަމަވެސް އެއަކީ އަދި އެހާ عجائب ކަމެއްނޫނެވެ. ފަހެ އެމީހުންގެ މިބަހުގައިވާ عجائب ކަން އަދި މާބޮޑެވެ. އެމީހުން އެބުނަނީއެވެ. "އަހުރެމެން މަރުވެ ކުދިކުދިވެ ވެއްޔަށްވީމާވެސް ދެން އަލުންވެސް އަހުރެމެން އައުހެއްދެވުމަކުން ހެއްދެވޭނެހެއްޔެވެ؟ محشر ކުރެވޭނެހެއްޔެވެ؟" ފަހެ އެފަދަ މީހުންނަކީ ތިމަންރަސްކަލާނގެ قدرة ތެރިކަމާމެދު إنكار ކުރާމީހުންނެވެ. އަދި އެއީ ކާފަރުކަންމަތީ ދެމިތިބިމީހުންނެވެ. އެފަދަ މީހުންނަކީ قيامة ދުވަހުން އެމީހުންގެ ކަނދުރާތަކުގައި ނަރަކައިގެ ކަސްތަޅު އެޅެވޭނެމީހުންނެވެ. އަދި އެއީ ނަރަކައިގެ ވަޒަންވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.