An-Nahl— The Bee
(1) ﷲ ގެ أمر ފުޅު އަތުވެއްޖެއެވެ. ފަހެ އެކަން އަވަސްވުމަށް ކަލޭމެން ނޭދޭށެވެ. مشرك ންގެމީހުން ﷲ އާއި ބައިވެރިކޮށް އެ شريك ކުރާ އެންމެހައި ތަކެތިން އެކަލާނގެ ހުސް طاهر ވަންތަވެ މަތިވެރިވެވޮޑިގެންވެއެވެ. • ދަންނައެވެ! މިއާޔަތުގައި މިވާ ﷲ ގެ أمر ފުޅާމެދު ބަސްތަފާތުވެގެންވެއެވެ. (1) ބައެއްބޭކަލުން ވިދާޅުވަނީ އެއީ رسول ﷲ ﷺ ފޮނުއްވުންކަމެވެ. (2) އަނެއްބައި ބޭކަލުން ވިދާޅުވީ އެއީ مشرك ންގެ މީހުންގެމައްޗަށް ﷲ ގެ عقوبة އައުމުގެ ވާހަކައެވެ. (3) އަދި އަނެއްބައިބޭކަލުން ވިދާޅުވީ އެއީ قيامة ދުވަސް އަންނާނެވާހަކައެވެ. والله أعلم.
(2) އަދި އެކަލާނގެ أمر ފުޅަށް وحي އާއިގެން އެކަލާނގެ އަޅުތަކުންގެތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ އަޅެއްގެ އަރިހަށް އެކަލާނގެ ملائكة އާ ފޮނުއްވައެވެ. އެއީ އެ نبي ބޭކަލަކު ނުވަތަ رسول ބޭކަލަކު ތިމަންރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް إله އަކުނުވާކަން މީސްތަކުންނަށް އަންގަވައި އެކަމުގެ إنذار ކުރައްވައި ބިރުގެންނެވުމަށެވެ. ފަހެ ކަލޭމެން ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ! (ތިމަންރަސްކަލާނގެއާއި އެހެން ފަރާތަކާ شريك ކުރުމާ މެދު ބިރުވެތިވާށެވެ!)
(3) އެކަލާނގެ އުޑުތަކާއި ބިން ހެއްދެވީ ހަމަ عدل ވެރިގޮތުގައެވެ. حقّ ގޮތުގައެވެ. އެ مشرك ންގެ މީހުން އެކަލާނގެއާ އެ شريك ކުރާ ތަކެތި ފިޔަވައި އެކަލާނގެ މާމަތިވެރިވެވޮޑިގެންވެއެވެ.
(4) އަދި މަނިފޮދުވަރަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. (އެކަލާނގެ އެއިންސާނާ ހެއްދެވުމުގައި އެތައް دَوْرُ ތަކެއްގައި ވޭތިކުރެއްވުމަށްފަހު ފުރިހަމަ އިންސާނަކަށް އޭނާ ދުނިޔެއަށް ފޮނުއްވައެވެ.) ދެން އެހައިރުން އެއިންސާނާ ވަނީ ދެކޮޅުވެރިއަކު ކަމުގައެވެ. (ﷲ ގެ قدرة ތެރިކަން قبول ނުކުރާ އެކަލާނގެއާ ދިމާ ދެކޮޅުވެރި އަކު ކަމުގަ އެވެ.)
(5) އަދި އެކަލާނގެ نَعَم ސޫފި ހެއްދެވިއެވެ. (އެއީ جمل އާއި، ގެރިއާއި، ބަކަރިއެވެ.) އޭގައި ކަލޭމެންގެ ހީފިލުވުންވެއެވެ. (އެބަހީ: އޭގެ ކެހެރިޔާ އިސްތަށިން ފިނިން ސަލާމަތްވާނޭ ފޭރާން ހެދޭނެގޮތް ލެއްވީމެވެ.) އަދި އެހެނިހެންވެސް ގިނަގުނަ منفع ތައް ތިމަންރަސްކަލާނގެ އޭގައި ލެއްވީމެވެ. (އޭގެ ކިރާއި - އޭގެމައްޗަށް ސަވާރުވުމާއި - ދަނޑުހެއްދުމުގައި ފަސްގަނޑުޖެހުމުގެ ކަންތަކާއި ފެންއުފުލައިދިނުމާއި އަދިވެސް އެތަކެއް ބައިވަރު މަންފާތަކެވެ.) އަދި އޭގެ މަހާއި ސަރުބީ ކަލޭމެން ކައި ހަދަމުއެވެ.