Maryam— Mary
(1) كهيعص (މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
(2) (އޭ رسول ﷲ އެވެ.) މިއީ ކަލޭގެފާނުންގެ ربّ އެކަލާނގެ އަޅާ زكريا عليه السّلام އަށް ލެއްވި رحمة ގެ ވާހަކަ بيان ކޮށްދެއްވުމުގެ ވާހަކައެވެ.
(3) އެކަލޭގެފާނު يعني: زكريا عليه السّلام އެކަލޭގެފާނުންގެ ربّ އަށް ވަންހަނާ ސިއްރުގޮތެއްގައި دعاء ދެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ.)
(4) އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ ކަށިތައް ބަލިކަށިވެ ضعيف ވެއްޖެއެވެ. (މުސްކުޅިވެގެންގޮސް) މިއަޅާގެ ބޮލުގައި ނުރަޖަހައި ނުރަގިނަވެއްޖެއެވެ. އޭ އަޅުގެ ربّ އެވެ. (މީގެކުރީގައިވެސް) އިބަރަސްކަލާނގެއަށް މިއަޅާ ދަންނަވާ دعاء ގައި އަބާއްޖަވެރި ނާކާމިޔާބު އަޅަކުކަމުގައި މިއަޅާ ނުވެއެވެ.
(5) އަދި ހަމަކަށަވަރުން މިއަޅާ މަރުވުމަށްފަހު މިއަޅާގެ ބޮޑުބޭބެދަރިންނާއި ގާތްމީހުން (دين އަށް ފަރުވާތެރިނުވެ އަދި دين އަށް عمل ނުކޮށްފާނެކަމަށް) މިއަޅާ ބިރުވެތިވެއްޖައީމެވެ. އަދި މިއަޅާގެ އަންހެނުންނަކީ ދަރިން ނުލިބޭ މީހަކުކަމުގައިވިއެވެ. ފަހެ އެހެންވެ މިއަޅާއަށް އިބަރަސްކަލާނގެ حضرة ން ولي އަކު ދެއްވާނދޭވެ. ދަރިކަލަކު ދެއްވާނދޭވެ.