Al-Ahzaab— The Clans
(1) އޭނަބިއްޔާއެވެ! ތަޤުވާވެރިވުންމަތީ ކަލޭގެފާނު ދެމިހުންނަވާށެވެ! އަދި ކާފަރުންނާއި މުނާފިޤުންނަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ދެނެވޮޑިގެންވާ އަދި ޙިކުމަތްވަންތަ ކަލަކުކަމުގައެވެ.
(2) އަދި ކަލޭގެފާނުންގެ رَبُّ ގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވޭ ވަޙީއަށް ކަލޭގެފާނު ތަބަޢަ ވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކަލޭމެންކުރާ ކަންތަކުގެ ޚަބަރު މޮޅަށްދެނެވޮޑިގެންވާ ކަލަކުކަމުގައެވެ. (އެޚަބަރުތަށް ކަލޭމެންނަށް ޤިޔާމަތްދުވަހުން އެކަލާނގެ ދެއްވާނެއެވެ.)
(3) އަދި ﷲ އަށް ވަކީލް ކުރައްވާށެވެ! އަދި ﷲ ވަކީލަކުކަމުގައި ފުދިވޮޑިގެންވެއެވެ.
(4) الله تَعَالي އެއްވެސް މީހެއްގެ އެތެރެ ހަށީގައި ދެހިތްނުލައްވައެވެ. އަދި ކަލޭމެން އެކަނބަލުން މައެކޭ ހަމަކުރި ކަލޭމެންގެ އަނބީން އެއީ ކަލޭމެންގެ މައިންކަމުގައި ވެސް އެކަލާނގެ ނުލައްވައެވެ. އަދި އެހެންމީހެއްގެ ދަރިއެއް އެއީތިމާގެ ދަރިއެއް ކަމުގައި ކަލޭމެން އަމިއްލައަށް ހެދިޔަސް އެއީކަލޭމެންގެ އުފަންދަރިއެއް ކަމުގައި ﷲ ނުލައްވައެވެ. މިއިން ކޮންމެ ބަހަކީވެސް ހަމަކަލޭމެންގެ އަނގަތަކުން ނުކުންނަ (އެއްވެސް ޙަޤީޤަތެއްނެތް) ހުސްވާހަކަތަކެކެވެ. އަދި ﷲ އެ ވަޙީ ކުރައްވަނީ ޙައްޤު އެވެ. އަދި ސީދާ ތެދުމަގު ދައްކަވާނީވެސް ހަމަ އެކަލާނގެއެވެ. * ދަންނައެވެ. ހަތަރުވަނަ އާޔަތުގައި އެވާ ފުރަތަމަ ތިން ނުގުތާއަކީ ހަމަ ބާތިލު ތިންވާހަކައެވެ. އެއްވެސް މީހަކަށް ދެހިތެއްނުވެއެވެ. ﷲ އަށް ލޯބިވާ ހިތެއް އޮވެފައި ކާފަރުންނަށް ލޯބިވާ ހިތެއް ނުވަތަ އީމާންކަމަށް ލޯބިވާ ހިތެއްއޮވެފައި ކާފަރު ކަމަށް ލޯބިވާ ހިތެއް އޮތުމަކީ ވާނޭކަމެއް ނޫނެވެ. ހަމައެފަދައިން ތިމާގެ އަނބިމީހާ މަޔެކޭ ހަމަކުރިޔަސް އެހެންވާނީކިހިނެއްހެއްޔެވެ؟ މަންމައަކީ އެމީހެއްބަނޑުން ތިމާނުކުތް މީހާއެވެ. އެއީ އެންމެމީހެކެވެ. އެއީވެސް މުޅިން ދޮގު ބުނުމެކެވެ. ދެންއޮތީ ތިމާގެދަރި ނޫން އެހެން މީހެއްގެ ދަރިއެއް ތިމާގެ ދަރި އަކު ކަމުގައި ހަދައި ވާރުތަވެސް ކޮށްހެދުމެވެ. زَيْد بُن حَارثَة އަށް زَيْد بُن مُحَمَّد އޭ ކިޔައިގެން ދުވަސްގަނޑެއްގައި އުޅުނީވެސް އެގޮތުންނެވެ. އެ ކޮންމެ ވާހަކައަކީ ބާތިލު ވާހަކަ އެއްކަން ﷲ މިއާޔަތުން އެ ވަޙީ ކުރައްވަނީއެވެ. ޖާހިލިއްޔަ ޒަމާނުގައި އެބާވަތުގެ ބައެއް ކަންތަށް ހުރިނަމަވެސް އިސްލާމް ދީނުގައި އެކަންކަމުގެ ޙުކުމްތަށް ބާވައިލެއްވުމަށްފަހު އޭގެ ކުރީގެ ވާހަކަތަށް ބާތިލުވީއެވެ. ދެން ތިމާގެ ދަރިނޫން އެހެން ދަރިއެއްކަމުގައި ހަދައިގެން އުޅުނު މައްސަލާގައި ހަދަންވީގޮތް ﷲ ދެން މިއަންނަ އާޔަތުގައި އެއަންގަވަނީއެވެ.
(5) އެފަދަކުދިން - އަދި މީހުންވެސް އެމީހުންގެ އަސްލުބައްޕައަށް ނިސްބަތް ކުރާށެވެ. (ކުއްޖާގެ ފަހަތަށް އަސްލު ބައްޕަގެ ނަންކިޔާށެވެ.) ﷲ ގެ ޙަޞްރަތުގައި ޢަދުލުވެރިކަން ބޮޑީއެގޮތެވެ. އަދި އެކުއްޖެއްގެ އަސްލު ބައްޕަ ނޭނގޭކަމުގައިވެފައި އަދި އެކުއްޖަކީ މުސްލިމެއްކަމުގައިވަންޏާ އެއީ ދީނީގޮތުން ކަލޭމެންގެ އަޚެކެވެ. (އެކުއްޖަކަށް އަޚުގެ ނަމުން ކިޔާށެވެ.) ދެންއެހެންޏާ مَوْلَي އެވެ ކިޔާށެވެ. އަދި ކަލޭމެނަށް ނޭނގިގެން އޮޅުމަކުން ވެފައިހުރި އެބާވަތުގެ ކަންކަމާއިމެދު ކަލޭމެންގެ މައްޗަށް އެކަމުގެ ކުށެއްނެތެވެ. އެކަމަކު ކުށަކަށް ވާނީ ހިތުގެ ޔަޤީން ކަމާއިއެކު ގަސްދުގައި ކުރާކަންތަކުންނެވެ. (އެބަހީ މިސާލަކަށް ކުއްޖާގެ ބައްޕަކަން ރަނގަޅަށް އެނގިހުރުމާއިއެކު ބައްޕަނޫން މީހަކަށް އެކުއްޖާ ނިސްބަތް ކުރުމުންނެވެ.) އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތް ލެއްވުން ބޮޑުވެގެންވާ ކަލަކުކަމުގައެވެ.