Saba— Sheba
(1) އެންމެހައި حَمْد އާއި تَعْرِيف އާއި ثَنَاء އެއް حَقّ ވެގެންވަނީ ހަމަ ﷲއަށެވެ. އެކަލާނގެއީ އުޑުތަކުގައްޔާއި އަދި ބިމުގައިވާހާ ތަކެތި އެކަލާނގެއަށް مِلْكވެ خَاصّ ވެގެންވާ ކަލާނގެއެވެ. އަދި آخِرَة ގައިވެސް حَمْدُ އާއި ثَنَاء ހުރީ ހަމައެކަލާނގެއަށެވެ. އަދި އެކަލާނގެއީ ދެދުނިޔޭގެ ކަންތައްތަށް ފުރިހަމަކުރެއްވީ حِكْمَة ވަންތަ އަދި އަޅުތަކުންގެ އެންމެހައި ކަންތައްތަށް ދެނެވޮޑިގެންވާ ޚަބަރުތަކުގެވެރި ކަލާނގެއެވެ.
(2) ބިމަށްވަދެގެންދާ އެންމެހައި ތަކެއްޗާއި އަދި އެތަނުން ނުކުންނަ އެންމެހައި ތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. (ބިމަށްވަންނަ ތަކެއްޗަކީ ވާރޭގެފެންތިކިތަކާއި خَزَانَة ތަކާއި މަރުވެގެން ވަޅުލެވޭ އެންމެހައި مَيِّتންނާއި ދެންވެސް އެންމެހައި ތަކެއްޗެވެ. އަދި އެތަނުން ނުކުންނަ ތަކެއްޗަކީ ގަސްގަހާގެއްސާއި ދަނޑުގޮވާމުގެ އޮށްޓަރުތަކާއި حَيَوَان އާއި ދެންވެސް އެންމެހައި ތަކެއްޗެވެ.) އަދި އުޑުންބާވައިލައްވާ ތަކެއްޗާއި އަދި އުޑަށް އަރައިގެންދާ އެންމެހައި ތަކެތިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (އުޑުން ފައިބާތަކެއްޗަކީ ވާރޭފެނާއި ގަޑުފެނާއި ބަރަކާތްތަކާއި عَذَاب އާއި ހޮނުގުގުރިއާއި مَلائِكَة ބޭކަލުންނާއި ދެންވެސް ބައެއްތަކެއްޗެވެ. އަދި އުޑަށްއަރައިގެންދާ ތަކެއްޗަކީ مَلائِكَة ބޭކަލުންނާއި އަޅުތަކުންގެ عَمَل ތަކާއި ދެންވެސް ބައެއްތަކެއްޗެވެ...) އަދި އެކަލާނގެއީ އަޅުތަކުންނަށް رَحْمَة ލެއްވުން ބޮޑުވެގެންވާ އަދިގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.
(3) އަދި ކާފަރުވީ މީސްތަކުންބުނެވެ. އަހުރެމެންނަކަށް قِيَامَة އެއްނާންނާނެއެވެ. ދެވަނަފަހަރަށް އަހުރެމެން ދެންނުދިރޭނެއެވެ. އޭ رَسُولُ الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އެއްގޮތަކަށްވެސް އެހެނެއްނުވާނެއެވެ. ތިމަންކަލޭގެފާނުންގެ رَبّ ގަންދީ ވިދާޅުވަމެވެ. ހަމަކަށަވަރުން ކަލޭމެންނަށް قِيَامَة ވާނެއެވެ. މަރުވުމަށްފަހު ދެވަނަ ފަހަރަށް ދިރިގެން عَمَل ތަކަށްޖަޒާ ދެއްވޭނެއެވެ. އަދި އެކަލާނގެއީ އެންމެހައި غَيْبُ ވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. (ކަލޭމެންގެ عَمَل ތަކުގެ ތެރެއިން) އެންމެ އެއްޗެއްވެސް އެކަލާނގެއަށް ނިވައިވެ ވަންހަނާވެގެން ނުވެއެވެ. އުޑުތަކާއި ބިމުގައި އެކަލާނގެއަށް ވަންހަނާވެގެންވާ مِثْقَال އެއްގެ ވަރުވެސް ޒައްރެއްގެ ބޮޑުމިނުގެ އެއްޗެއްވެސް އަދިއެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް ނުވެއެވެ. އެ ކޮންމެ އެއްޗެއް بَيَان ވެގެންވާ ފޮތެއްގައި ލިޔެވި ފައިލްކުރެވިގެން މެނުވީނުވެއެވެ. އެއީ لَوحُ المَحْفُوظُ އެވެ.
(4) އެކަންތައްތައް އެގޮތަށް ލައްވާފައިވަނީ އީމާންވެގެން صَالِحْ عَمَل ކުރި މީހުންނަށް ހެޔޮ جَزَاء ދެއްވުމަށެވެ. އެމީހުންނަށްހުރީ ފާފަފުއްސެވުމާއި މާތްވެގެންވާ ރިޒުގެވެ. ސުވަރުގެއާއި އެތާގެ نِعْمَة ތަކެވެ
(5) އަދި ތިމަންރަސްކަލާނގެ رَسُولٌ ނަށް ބާވައިލެއްވި އާޔަތްތައް بَاطِل ކުރުމަށް މަސައްކަތްކުރާ މީހުންނަށް ހުރީ ވޭންދެނިވި އެންމެނުބައި ގަދަ عَذَاب ގެ عَذَابއެވެ