Fussilat— Explained in detail
(1) حم މި އަކުރުތަކަކީ، އަދި މިފަދަ އެހެން އަކުރުތަކެކޭ އެއްފަދައިން އޭގެ ފުރިހަމަ مراد ހަމައެކަނި ﷲ ގެ ދެނެވޮޑިގަތުމުގެ ތެރޭގައިވާ އަކުރުތަކެކެވެ.
(2) މި قُرْآن އަކީ رحمن ވަންތަ رحيم ވަންތަ ﷲ ގެ حضرة ން ބާވައިލައްވާ ބާވައިލެއްވުމެކެވެ.
(3) މިއީ އެ ފޮތުގެ آية ތައް تفصيل ވެގެންވާ އަދި حكم ތައް ބަޔާންވެގެންވާ ފޮތެކެވެ. އަދި މިއީ عرب ބަހުން ބާވައިލައްވާފައިވާ قرآن އެކެވެ. މިފޮތް އެގޮތަށް ބާވައިލައްވާފައި މިވަނީ ދަންނަ ބަޔަކަށެވެ. އެބަހީ މި ފޮތަކީ ﷲ ގެ حضرة ން ބާވައިލައްވާފައިވާ ފޮތެއްކަން ރަނގަޅަށް އެމީހުންނަށް އެނގޭނެއެވެ. އެމީހުން ދަންނާނެއެވެ.
(4) އެފޮތް ބާވައިލައްވާފައި ވަނީ ﷲ އަށް ކިޔަމަންތެރިވީ މީސްތަކުންނަށް އުފާވެރިކަމުގެ ދެއްވާ حال ގައެވެ. (އެއީ قيامة ދުވަހުން އެމީހުންނަށް ﷲ ގެ ރުއްސެވުމާއި، ސުވަރުގެ ލިބޭނޭ ކަމުގެ އުފާވެރި خبر އެވެ.) އަދި އެ ފޮތް ބާވައިލައްވާފައި ވަނީ ﷲ އަށް ނުކިޔަމަންތެރިވީ މީހުންނަށް إنذار ކުރައްވާ حال ގައެވެ. (އެބަހީ قيامة ދުވަހުން އެމީހުންނަށް ﷲ ގެ ކޯފާއާއި، ނަރަކައިގެ عذاب ހުރިކަމުގެ ބިރުވެރި خبر އެވެ.)
(5) (އަދި އެ ކާފަރުން محمد ގެފާނަށް ދެންނެވިއެވެ.) އޭ محمد ގެފާނެވެ! އަހުރެމެންގެ ހިތްތައް މި ވަނީ ކަލޭގެފާނު ތިޔަ ވިދާޅުވާ އެއްޗެއް ނުވިސްނޭ ގޮތުން މަތިޖެހި ބަންދުވެފައެވެ. އަދި އަހުރެމެންގެ ކަންފަތްތަކުގައި މި ވަނީ (ތިޔަ އަޑު ނުއިވޭނޭ ގޮތުން) ބައްކަމެއް ޖެހިފައެވެ. އަދި އަހުރެމެންނާއި، ކަލޭގެފާނާ ދެމެދު މިވަނީ ފަރުދާއެކެވެ. ހުރަހެކެވެ. (އެއީ معنوى ހުރަހެކެވެ. ދެކޮޅުވެރި ކަމެކެވެ.) އެހެންވީމާ، ކަލޭގެފާނު دين ގައިވާ ގޮތަށް ކަލޭގެފާނު عمل ކުރައްވާށެވެ. އަހުރެމެންވެސް އަހުރެމެންގެ دين ގައިވާ ގޮތަށް عمل ކުރާނަމެވެ.