Ad-Dukhaan— The Smoke
(1) حم މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. • ދަންނައެވެ. قرآن ގެ ބައެއް ސޫރަތް ފެށޭ ތަންތާ ހުންނަ މިބާވަތުގެ ވަކި އަކުރުތަކާމެދު مفسّر ންގެ މެދުގައި ތަފާތު ވާހަކަ ދެކެވިފައި ވެއެވެ. އެވާހަކަތަކުގެ خلاصة އިން مهمّ ދެ ފައިދާއެއް ކުރެވެއެވެ. 1- އެއްކަމަކީ رسول الله ﷺ އަށް قرآن ބާވައިލެއްވުނު ވަގުތުގައި ތިބި ކާފަރުންނާއި، مشرك ންވެސް قرآن އަޑުއެހުމުން މަނާވެގަނެއެވެ. އެއީ އެއިން އަސަރެއްކޮށް، إيمان ވެވިދާނޭތީއެވެ. އެހެންވެ އެމީހުންގެ ތެރޭގައި مشهور ވެގެން ނުވާ صيغة ތަކަކުން - عبارة ތަކަކުން - އައީމާ ދެން އެ كلمة ތައް ބާރު އަޑުން އަޑުދަމާލާފައި ކީމާ އަހައިފި މީހާ އެޔާ ދިމާއަށް ކަންފަތް ދިއްކޮށްލުމުގެ شوق ވެރިކަން ބޮޑަށް އުފެދި ކޮންމެ ގޮތަކުންވެސް އަހައިލާ ހިތްވުމަކީ ގާތްކަމެކެވެ. އަދި އަހައިލައިފިއްޔާ ހިތަށް އަސަރުކޮށް، ތެދުމަގަށް واصل ވުން ގާތެވެ. މިއީ އެއް ފައިދާއެވެ. 2- ދެވަނަ ފައިދާއަކީ، އެވަގުތު عربي ންގެ مشرك ންގެ دعوى އަކީ، قرآن އަކީ إلهى وحي އެއް ނޫންކަމެވެ. އަދި ކިޔެއްހެއްޔެވެ؟ އެއީ ޅެމެކެވެ. ނުވަތަ سحر އެކެވެ. ނުވަތަ كهين އެއްގެ ބަހެކެވެ. ނުވަތަ އިސްވެދިޔަ މީހުންގެ ބޭކާރު ވާހަކަތަކެކެވެ. އެހެންވެ ﷲ تعالى އެމީހުންނަށް ގޮންޖެއްސެވީއެވެ. އެފަދަ އެންމެ އާޔަތެއް ނުވަތަ ދިހަ ސޫރަތް، ނުވަތަ އެފަދަ قرآن އެއް އެމީހުންވެސް އެކުލެވުމަށް ގޮންޖެއްސެވީއެވެ. وحي ކުރައްވާ ކަހަލައެވެ. ކަލޭމެން ތިޔަ ބުނަނީ ތެދެއް ވިއްޔާ އެފަދަ قرآن އެއް ނިކަން ގެނަސްބަލާށެވެ. އެ ފޮތް އެވަނީ ހަމަ ކަލޭމެން ދަންނަ އަކުރުތައް ކަމުގައިވާ الم ފަދަ، حم ފަދަ، طس ފަދަ، ق ފަދަ މިފަދަ އަކުރުންނެވެ. ކަލޭމެންނަކީ ހަމަ ބަހަށް މޮޅު މާހިރުންނެވެ. މިއެވެ. މި އަކުރުތަކުގެ އެއް مَقْصَد އެއީކަމުގައި ވުންވެސް އެކަށީގެން ވެއެވެ. والله أعلم = تفسير أيسرالتّفاسير =
(2) حكم ތައް ބަޔާންކޮށްދެއްވާ ފޮތް ގަންދެއްވައި ހުވައި وحي ކުރައްވަމެވެ.
(3) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ ފޮތް، يعني ކީރިތި قرآن ބާވައިލެއްވީ بركاة ތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ إنذار ކުރައްވާ ކަލަކީމެވެ. (އެހެންވެ ފޮތް ބާވައިލައްވައި، رسول ބޭކަލުން ފޮނުއްވައި، އަދި މިނޫންވެސް ގޮތްގޮތަށް إنذار ކުރައްވަމެވެ. އެއީ ނުކިޔަމަންތެރީންނަށް ދުނިޔެއާއި، آخرة ގައިވެސް ނުރައްކަލާއި، عذاب ހުރިކަމުގެ ވާހަކައިންނެވެ.
(4) އަދި އެރޭ ކަނޑައެޅޭ ކޮންމެ حكم އެއް ތިމަން ރަސްކަލާނގެ تفصيل ކުރައްވައި، بيان ކުރައްވަމެވެ. ދަންނައެވެ. އެރެއަކީ ليلة القدر ވިލޭރެއެވެ. މިންވަރު ކުރައްވާ ރެއެވެ. އެރޭ އެކަލާނގެ އަންނަ އަހަރުގެ މަރުވާ މީހުންނާއި، ދިރުއްވާ މީހުން ހިމަނުއްވައި ރިޒުގުގެ ނިޔާތަކާއި، ހެވާއި، ނުބަޔާއި، ދެންވެސް އެކަލާނގެ އިރާދަކުރެއްވި ކޮންމެ ކަމެއް އެރޭ تفصيل ކުރައްވައި بيان ކުރައްވައެވެ. އެރެއަކީ رمضان މަހުގެ ރެއެއް ކަމަށް قرآن ގެ نصّ ން ސާބިތުވެއެވެ. شعبان މަހުގެ 15 ވިލޭރޭ ކަމަށް ބުނާ ރިވާޔަތެއްވެސް ވެއެވެ. އެހެން ނަމަވެސް އެއީ ضعيف ރިވާޔަތެކެވެ. = تفسير إبن كثير =
(5) އެކަމަކީ ތިމަން ރަސްކަލާނގެ حضرة ން ވާ أمر އެކެވެ. އެބަހީ قرآن ބާވައިލެއްވުމަކީ ތިމަން ރަސްކަލާނގެ حضرة ން ވާ ކަމެކެވެ. އަދި އެރޭ، ކަންތައްތައް بيان ކުރައްވައި، تفصيل ކުރެއްވުމަކީ ތިމަން ރަސްކަލާނގެ حضرة ން ހިންގަވާ ކަމެކެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ رسول ބޭކަލުންނާއި، نبي ބޭކަލުން ފޮނުއްވަމެވެ.