Al-Jaathiya— Crouching
حم މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.
(2) ފޮތް ބާވައިލެއްވުން ވަނީ - އެބަހީ ކީރިތި قرآن ބާވައިލެއްވީ - عزّة ވަންތަ، حكمة ވަންތަ، ﷲ ގެ حضرة ންނެވެ.
(3) ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވުމުގައި އަދި ހައްދަވާފައިވާ އުޑުތަކާއި، ބިމުގައި (ﷲ ވޮޑިގެން ވާކަމާއި، އެއްކައުވަންތަ ކަމާއި، އެކަލާނގެ قدرة ތެރިކަމާއި، حكمة ވަންތަ ކަމާއި، ދެނެވޮޑިގަތުމާއި، މި ކަންކަމުގެ މައްޗަށް ދަލީލުކުރާ) ހެކިތަކާއި، دليل ތައް ވެއެވެ. އެކަމަކު އެ ދަލީލުތަކަކީ مؤمن ންނަށް ވާ دليل ތަކެކެވެ. ﷲ ގެ ވޮޑިގެންވުމާއި، قدرة ތެރިކަމާއި، ދެނެވޮޑިގަތުމާއި، حكمة ވަންތަކަމާއި، މި ބާވަތުގެ އެންމެހައި ކަންތައްތައް ތެދުކޮށް قبول ކުރާ مؤمن ންނަށް ވާ ދަލީލެވެ.
(4) (އަދި އޭ އިންސާނާއެވެ!) ތިޔަބައިމީހުންގެ ހެއްދެވުމުގައްޔާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲ ހައްދަވައި، ފަތުރުއްވާފައިވާ ގިނަގުނަ دابّة ތަކާއި، مخلوق ންތަކުގައިވެސް އެކަލާނގެ އެއްކައުވަންތަ ކަމާއި ކުޅަދުންވަންތަކަމުގެމައްޗަށް ދަލީލުކުރާ، دليل ތަކާއި، حجّة ތައް ކަނޑައެޅިގެން ވެއެވެ. توحيد قبول ކުރާ ބަޔަކަށެވެ،
(5) އަދި ރޭދުވާ ތަކުރާރު ވުމުގައްޔާއި، އަދި ﷲ އުޑުން ބާވައިލައްވާ ރިޒުގު ކަމުގައިވާ ފެނުގައްޔާއި، އަދި އެ ފެނުގެ ސަބަބުން ބިންގަނޑު މަރުވެފައި އޮތުމަށްފަހު (ގަހެއް، ވިނައެއް ނެތި އޮތުމަށްފަހު) ދެން އެކަލާނގެ އެ ބިންގަނޑު ދިރުއްވައި، ގަސްތަކާއި، ވިނަތައް ފަޅުއްވައި ހެއްދެވުމުގައްޔާއި، އަދި އެކި ދިމަދިމާއިން ޖެހޭގޮތަށް ވައި ބަދަލުކުރެއްވުމުގައްޔާއި، މި މި ކަންކަމުގައި (ﷲ ގެ قدرة ތެރިކަމާއި، އެއްކައުވަންތަކަމާއި، حكمة ވަންތަކަމާއި، ދެނެވޮޑިގަތުމުގެ މައްޗަށް دليل ކުރާ) އެތަކެއް ދަލީލު ބުއްދިކޮށް ވިސްނާ ބަޔަކަށް ވެއެވެ.