Muhammad— Muhammad
(1) ތިމާމެން ކާފަރުވެ ﷲ ގެ މަގު ބަންދުކުރި މީސްތަކުން. (ދަންނައެވެ.) ﷲ އެމީހުންގެ ޢަމަލުތައް ބާޠިލު ކުރައްވައިފިއެވެ. (އެމީހުންކުރި ހެޔޮ ޢަމަލުތައް ގެއްލެނި ކުރައްވައިފިއެވެ.)
(2) އަދި ﷲ އަށް އީމާންވެގެން ޞާލިޙު ޢަމަލުކޮށް އަދި މުޙަންމަދުގެ ފާނުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، އެތަކެއްޗަކީ އެއި އެމީހުންގެ رَبُّ ގެ ޙަޟްރަތުން ބާވައިލައްވައިފައިވާ ޙާއްޤުތަކެއްޗެވެ. އެއީ قُرُان އެވެ. ފަހެ އެތަކެއްޗަށް އީމާންވި މީސްތަކުން (ދަންނައެވެ.) ﷲ އެމީހުންގެ ކުށްފާފަތައް ފުއްސަވައި އަދި އެމީހުންގެ ޙާލުތަކާއި ކަންތައްތައް އިސްލާހުކޮށްދެއްވައި ސުލްހަކުރައްވައިފިއެވެ.
(3) އެހެންއެކަންއެވީ، ހަމަކަށަވަރުން ކާފަރުން ތަބަޢަވީ ބާޠިލާއެވެ. (އެއީ ﷲ އަށް ޝަރީކުކުރުމާއި އެކަލާނގެއަށް އުރެދުމެވެ.) އަދި ހަމަކަށަވަރުން އީމާންވީ މީސްތަކުން ތަބަޢަވީ ޙައްޤާއެވެ. (އެއީ تَوْحِيد އާއި އީމާންކަމާއި ކިޔަމަންތެރިކަމެވެ.) ދެބައިމީހުންގެ ޙާލު ބަޔާންކުރައްވަނީ މީސްތަކުންނަށް ﷲ ޖައްސަވާ މިސާލެއްގެގޮތުންނެވެ. (ޢިބްރަތެއްގެ ގޮތުންނެވެ.)
(4) އޭ އީމާންވެއްގެ މީސްތަކުންނޭވެ. ތިޔަބައިމީހުންނާއި ކާފަރުންނާއި (مَيدان ގައި) ބައްދަލުވެއްޖެއްޔާ އެމީހުންގެ ކަންދުރާތައް ކަނޑާށެވެ. އެމީހުންމަރާށެވެ. އެއީ އޭގެ ގިނަ ބަޔަކު މަރުވެ އަވަދިވާންދެނެވެ. ދެން އަދި އެމީހުން ރަނގަޅަށް ބަނދެ ހައްޔަރުކުރާށެވެ. (އެއީ އެމީހުންނަށް ފިލައިގެން ނުދެވޭ ފަދައަކުންނެވެ.) ދެންހައްޔަރުވީ މީސްތަކުން އެހެންޏާ އެއްވެސް ފިދުޔައެއް ބަދަލެއްނެތި ދޫކޮށްލާށެވެ. ނުވަތަ ފިދުޔަ އަތުލާފައި ދޫކޮށްލާށެވެ. (މަޞްލަޙަތު ހުރިގޮތް ބަލާނީ ވެޔާއެވެ.) އެއީ ހަނގުރާމަ އޭގެ ހަތިޔާރު ބަހައްޓައިފުމައްދާންނެވެ. އެބަހީ ކާފަރުން ބަލިވެ ހަތިޔާރު ބަހައްޓައިފުމަށް ދާންދެނެވެ. އަދި އެ ޙުކުމް އަކީ ކާފަރުންނާމެދު އޮތްޙުކުމެވެ. (އަދި މިކަންމިގޮތަށް ނިންމެވުމަކާނުލައިވެސް الله އެދި ވޮޑިގެންނެވިނަމަ އެކާފަރުންގެ މައްޗަށް މުއުމިނުންނަށް ނަޞްރުދެއްވައިފީހެވެ. އެހެންނަމަވެސް އެކަލާނގެ އެހެން ނުހެއްދެވީ ތިޔަބައިމީހުން އެއްބަޔަކުގެ ފަރާތުން އަނެއްބަޔަކު އިމްތިޙާނުކުރެއްވުމަށެވެ. (ކެތްތެރި مُجَاهد ންނަށް ثَوَاب ގިނަކޮށްދެއްވައި ރަނގަޅު ޖަޒާދެއްވުމަށެވެ. އަދި އެމީހުން އަތްތަކުން ކާފަރުންނަށް ޢުޤޫބާތް ދެއްވުމަށެވެ.) އަދި ﷲ ގެ މަގުގައި މަރުވެ ޝަހީދުވެގެން ދިޔަ މީސްތަކުންގެ ދަރުމަޔާއި ثَوَاب ﷲ ގެއްލެނި ނުކުރައްވާނެއެވެ.
(5) ނިކަންހުރެ الله تَعَالى އެމީހުން ސުވަރުގެ ދިއުމަށް މަގުދައްކަވާނެތެވެ. އަދި އެމީހުންގެ އެންމެހައި ކަންތައްތަކާއި ޙާލުތައް ރަނގަޅު ކުރައްވައި ބަރާބަރުކޮށްދެއްވާހުއްޓެވެ.