Al-Haaqqa— The Reality
(1) الْحَاقَّةُ މި لَفْظُ ގެމާނަ އަކީ قِيَامَة ދުވަހެވެ. قِيَامَة ދުވަހަށް ގިނަމާނަވެއެވެ. އެއީ އެދުވަހުގެ އެކިއެކި وَاقِعَة ތަކާއި ގުޅިގެން ކިއިފައިވާ މާނަތަކެކެވެ. الْحَاقَّةُ ގެ އެއްމާނައަކީ އައުން حَقُّ ވެގެންވާ قِيَامَة ދުވަހެވެ. އަނެއްމާނައަކީ ﷲ ގެ ދީނާއި އިދިކޮޅަށް بَاطِلُ އަރައިރުންތައްވާމީހުންގެ މައްޗަށް ގަދަވެގަންނަދުވަހެވެ. އަދި މިނޫން މާނަތައްވެސް عِلْمُ ވެރިން ލިއުއްވާފައި ވެއެވެ.
(2) الْحَاقَّةُ އެއީ ކޮންއެއްޗެއްތޯއެވެ.
(3) އަދި الْحَاقَّةُ އެވެ. ނަންކިއުނު قِيَامَة ދުވަސް އެއީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
(4) ثَمُوْدُ ބާގައިގެމީހުންނާއި عَادُ ބާގައިގެމީހުން قَارِعَة އެވެ ކިއުނު قِيَامَة ދުވަސް ދޮގުކޮށްފިއެވެ. (قَارِعَة އަކީ ބިރުން ތުރުތުރު އަޅުވައިލާއެއްޗެވެ.) ثَمُوْدُ ބާގައިގެމީހުންނަކީ އެބައެއްގެ ގާތައް މާތް الله ސަލާމު ލެއްވި صَالِحُ ގެފާނު ރަސޫލުކަމާއިގެންފޮނުއްވުނުމީހުންނެވެ. އަދި عَادُ ބާގައިގެމީހުންނަކީ އެބައެއްގެ ގާތައް މާތް الله ސަލާމު ލެއްވި هُوْد ގެފާނު ރަސޫގުކަމާއިގެން ފޮނުއްވުނުމީހުންނެވެ. قَارِعَة އަކީ ފިއްކަޑައިގެންދާފަދަ ބިރުވެރި قِيَامَة ދުވަހެވެ. ކުރީ އެބުނެވުނު ދެޤައުމުގެ މީހުންވެސް އެދުވަސް ދޮގުކުރީއެވެ.
(5) ފަހެ ثَمُوْدُ ބާގައިގެމީހުން އަޑުގަދަކަމުން ހައްދު ފަހަނަޅައިގެންދާ ގަދަ އަޑުފަށްގަޑަކުން ހަލާކުވެގެން ދިޔައީއެވެ.