At-Tawba— The Repentance
(1) މިއީ (ކަލޭމެން مؤمن ންނާއި) عهد ކުރި، (އެގްރީމެންޓްކުރި) مشرك ންގެ ކިބައިން ﷲ އާއި އެކަލާނގެ رسول އާގެ ފަރާތުން ވާ ބަރީއަވުމެކެވެ. ބަރީއަވާކަން އެންގުމެވެ. (އެއީ އެމީހުން رسول ﷲ ﷺ އާއި އެމީހުންނާ ދެމެދުވީ عهد އާއި އެގްރީމެންޓާއި އެމީހުން خلاف ވެގެންނެވެ. رسول ﷲ ﷺ އާއި ކުރާ عهد އަކީ މުޅި إسلامى أمّة އާ ކުރާ عهد އެވެ.)
(2) (އޭ مشرك ންނޭވެ!) ހަތަރުމަސްދުވަސްވާންދެން ކަލޭމެން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް އުޅޭށެވެ. (އޭގެފަހުގައި ދެން ހަނގުރާމައެވެ.) އަދި ކަލޭމެން ދަންނާށެވެ! ކަލޭމެންނަކީ ﷲ ނުކުޅައްދައިލެވޭނެ ބައެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲ އީ ކާފަރުން ދެރަކޮށް ނިކަމެތިކުރައްވާނޭ ކަލާނގެއެވެ.
(3) އަދި (މިއީ) ބޮޑުވެގެންވާ حجّ ދުވަހު - يعني: ބޮޑު عيد ދުވަހު - އެންމެހައި މީސްތަކުންނަށް ﷲ އާއި އެކަލާނގެ رسول އާގެ ފަރާތުން ކުރައްވާ إعلان އެކެވެ. އެންގެވުމެކެވެ. އެއީ ހަމަކަށަވަރުން ﷲ ވަނީ مشرك ންގެ ކިބައިން ބަރީއަވެގެންނެވެ. އަދި އެކަލާނގެ رسول އާވެސް ވަނީ (مشرك ންގެ ކިބައިން) ބަރީއަވެވަޑައިގެންނެވެ. (އެކަން އަންގައި إعلان ކުރުމެކެވެ.) އަދި ކަލޭމެން (مشرك ން) توبة ވެ ﷲ ގެ މަގަށް رجوع ވެއްޖެއްޔާ އެއީ ކަލޭމެންނަށްވާ ހެވެވެ. އަދި ކަލޭމެން އެނބުރި ފުރަގަސްދީފިއްޔާވެސް ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ކަލޭމެންނަކީ ﷲ ނުކުޅައްދައިލެވޭނެ ބައެއްނޫނެވެ. (އެބަހީ: ކަލޭމެން ކޮންމެތާކު ފިލާރައްކާވާން އުޅުނަސް އެކަލާނގެ ކަލޭމެން އަތުލައްވާނެތެވެ.) އަދި ކާފަރުންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!
(4) مشرك ންގެތެރެއިން ކަލޭމެން مؤمن ންނާއި عهد ކޮށް އެ عهد ން އެއްވެސް ތަންކޮޅެއް އުނި ނުކޮށް عهد މަތީ ރަނގަޅަށް ސާބިތުވެތިބެ އަދި ކަލޭމެން مؤمن ންނާއި خلاف ވެ ދެކޮޅުވެރި އެއްވެސް ބަޔަކާއި އެހީވެ ވާގިނުދީ ތިބި އެބަހީ: ކުރި عهد މަތީ ރަނގަޅަށް ތިބި مشرك ންނާއިމެދު ދަންނައެވެ! ފަހެ އެމީހުންގެ އެ عهد އޭގެ މުއްދަތު ހަމަވާންދެން ފުރިހަމަ ކުރާށެވެ! (އެމީހުންނަށް އެޔާޚިލާފުގޯނާ ނުކުރާށެވެ!) ހަމަކަށަވަރުން تقوى ވެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
(5) ދެންފަހެ حرمة ތެރިވެގެންވާ މައްސަރުތައް ނިމިއްޖެއްޔާ. (އެބަހީ: مُحرّم މަސް ނިމިއްޖެއްޔާ) ދެން مشرك ންގެ މީހުން ކަލޭމެނަށް ފެނުނުތާކުން މަރާށެވެ! قتل ކުރާށެވެ! އަދި އެމީހުން ހިފާ އަސީރުކޮށް حَصَار ކޮށް އެބަހީ: އަމިއްލައަށް تَصَرّف ނުކުރެވޭ ގޮތަށް ބަންދުކޮށް ހަދާށެވެ! އަދި އެމީހުން އަތުލައިގަތުމަށް إنتظار ކުރެވޭ ކޮންމެ ތަނެއްގައި ކޮންމެ މަގެއްގައި إنتظار ކޮށް ބަލަބަލައި ތިބޭށެވެ! ދެންފަހެ އެމީހުން توبة ވެ އަދި އެމީހުން ނަމާދު قائم ކޮށް އަދި އެމީހުން ޒަކާތްދީ ހަދައިފިއްޔާ ދެން އެމީހުންގެ މަގުން އެމީހުން ދޫކޮށްލާށެވެ! (ދެން ނުބެހޭށެވެ!) ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. • ދަންނައެވެ! تفسير الطّبرى ގައި إبن عبّاس ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައި ވެއެވެ. • بَرَاءَةُ ގެ އާޔަތް ބާވައިލެއްވުމުގެ ކުރިން رسول ﷲ ﷺ އާއި عهد އެއް ވެފައިވާ مشرك ންގެ مُدَّة އަކީ އެއާޔަތް إعلان ކުރެއްވުމަށްފަހު ربيع الآخر ގެ ދިހަވަނަ ދުވަހާއި ހަމައެވެ. އެއީ އެއަހަރުގެ حجّ މަހުގެ ދިހައަކުން އެއަހަރުގެ ربيع الآخر މަހުގެ ދިހައަކަށެވެ. ހަތަރުމަހެވެ. • مشرك ން ކުރެ عهد އުވާލައި ހެދިމީހުންނާމެދު ބަލާނެ عهد އެއް ނެތެވެ. (އެއީ محرّم މަސް ނިމެންދެނެވެ.) • އަދި مشرك ންކުރެ رسول ﷲ ﷺ އާއި عهد ކޮށް عهد އަށް އެއްވެސް ގޮތަކުން އުނިއިތުރު ނުކޮށް ސާބިތުވެތިބިމީހުންގެ مدّة އަކީ އެ عهد ގައިވާ مدّة ހަމަވާންދެނެވެ.